ތާރީޚީގޮތުން ހައްދުންމަތީ ކަލައިދޫ - އައްޑަނަ މަޖައްލާ / ޠާޙާ އަބޫބަކުރު

21 އެޕްރީލް 2018

މިވަގުތު ދިވެހިރާއްޖޭގައި އެއްފަސްގަނޑެއްގައި އޮވެމެ ވަކި ދެރަށެއްގެގޮތުގައި ބެލި އިދާރީގޮތުން ވަކިން ހިންގާ ދެކައުންސިލެއް އޮތީ ހަމައެކަނި ހައްދުންމަތީ އިސްދޫ އާއި ކަލައިދޫ ގައެވެ.

ކަލައިދޫ އާބެހޭގޮތުން ވާހަކަދައްކާއިރު ރިޢާޔަތްކުރަންހުރި ތާރީޚީ މަސްދަރުތަކަކީ މިރަށުން ފެނިފައިވާ ބުޑިސްޓުދީނުގެ ނުވަތަ ހިންދޫދީނުގެ އާސާރުތަކާއި ހައްދުންމައްޗަށް ނިސްބަތްވާ ބައެއް ލޯމާފާނެވެ. މިރަށުގެ މިސްކިތު ގޯތިތެރެ ކޮންނަމުން ދަނިކޮށް، ދެފަހަރެއްގެ މަތީން ވަނީ ބުދުތަކެއް ފެނިފައެވެ. ފުރަތަމަ ފެނިފައިވަނީ 1982މ. ގައެވެ. ފަހުން ފެނުނީ 2018 މާރިޗު 15 ވަނަ ދުވަހުއެވެ. އިސްދޫ ލޯމާފާނުގައްޔާއި ދަނބިދޫ ލޯމާފާނުގައި މިރަށުގެ ވާހަކަތައް އެތައްއެތައް ތަނެއްގައި ނަންގަނެވިފައިވެއެވެ.

ރަށުގެ ނަން ނެގިފައިވަނީ ”ކަލައި“ އާއި ”ދުވު“ ނުވަތަ ”ދުވި“ މިދެލަފުޒުންނެވެ. ބެލެވޭ ގޮތުގައި މިއީ މުސްކުޅި ސާންސްކިރިތުބަހުން ނެގިފައިވާ ލަފުޒެކެވެ. ކުރިން މީހުންއުޅުނު ”ކަލައިދޫ“ ކިޔާ ރަށެއް މިލަދުންމަޑުލު ދެކުނުބުރީގައި ވެސް އެބައޮތެވެ. މިނަމާއި ވަރަށް އެއްގޮތް ނަމެއްކަމުގައިވާ ”ކަޅައިދޫ“ އަކީ ވަރަށް ފަހަކާއިޖެހެންދެން މީހުން ދިރިއުޅުނު ހައްދުންމަތީގެ ރަށެކެވެ. އެހެންކަމުން ރަށުގެ ނަން ލިޔެކިޔުމުގައި ރަނގަޅަށް ސަމާލުނުވެވުމުން ބައެއް ފަހަރު އޮޅުންތައް އަރާފައިވެއެވެ. ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓްތަކާއި އެހީތައް ވެސް އަދި ފޮނުވާ ތަކެތި ވެސް މިއޮޅުމުގެ ސަބަބުން ލިބެން ނުޖެހޭ ރަށަކަށް ފޯރާގޮތްވެފައި ހުރީކީ މަދެއްކޮށެއް ނޫނެވެ.

ކަލައިދޫ މީހުން ކޮށްއުޅޭ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. އެންމެ އިހުއްސުރެ އެރަށަކީ ފަލަމަޑީގެ ބާވަތްތައް ތިޔާގި ރަށެކެވެ. އެރަށުގައި ފަޅުމަތީގެ އެކިކަހަލަ މަސްވެރިކަމާއި ވަދުއެޅުމާއި ކަޅުބިލަމަހުގެ މަސްވެރިކަން ވެސް ކޮށްއުޅެއެވެ.

ޖޯގްރަފީގޮތުން ކަލައިދޫ:

އިހު އެވޭލާ ޒަމާނުގައި ހައްދުންމަތީ ކަލައިދޫ އޮތީ ވަކި ރަށެއްގެ ގޮތުގައިކަމަށް ބެލެވެއެވެ. ކުރިން އެރަށް އޮތީ އަތޮޅުގެ އިރުމަތީ ދުނި އެރަށަކުން ފެށޭ އިސްދޫގެ ދެކުނުން އެ ފަޅުގައެވެ. ވޮޑިގިރުމުގެ އޮއިވަރުތެރޭގައި މިހާރު އެއީ އިސްދޫއާ ޤުދުރަތީގޮތުން ގުޅިފައިވާ ރަށެކެވެ. ރަށުގެ ދެކުނުން  ހަމަ މިފަޅުގެތެރޭގައި އެންމެ ކައިރީގައި މިހާރު މީހުން ދިރިއުޅޭ ރަށަކީ ދަނބިދޫއެވެ. ރަށުގެ ހުޅަނގުފަރާތުގައި ވަކިން އޮތް ފަޅުރަށަކީ ކުނަގަލްދުވު (ފޮނަގާދޫ) އެވެ. ކަލައިދޫ އޮތް ފަޅުގެ އިރުމަތީ ފަރާތުގައި އޮތް އިހައްދޫ ވަނީ ގިރާލައިގެން ގޮސްފައެވެ. ހައްދުންމައްޗަށް ”އިހައްދުންމަތި“ ކިޔަނީ އިހައްދޫއަށް ނިސްބަތްކޮށެވެ. މިހާރު ފެންނާން އޮތީ އެރަށް އުފެދުނު އާނުގަނޑުގެ ބަޔަކާއި ކުރެދިގަހެކެވެ. ކަލައިދޫގެ އިރުމަތީ ފަރާތުފަޅުތެރޭގައި ރަށާއި ދާދިކައިރީގައި އޮތް ”ހަސަންބޭ ރަށްގަނޑު“ ގެ ނަމުން ނަންދެވިފައިވާ ރަށް ވެސް މިހާރުވަނީ ގިރައި ހުސްވެފައެވެ.

އިސްދޫ ލޯމާފާނުގައި ބަޔާންކުރެވިފައިވާ ރައްތަކުގެތެރޭގައި އިސްދުވި (އިސްދޫ)، ކަލައިދުވި (ކަލައިދޫ)، ދިޔަދުވި(ދިޔަދޫ)، ކުކުޅުދުވި (ކުކުޅުދޫ)، އަދި ބުރެވިމަތު ނުވަތަ ބުރެވިޕުޓި (ބުރެވިފުށި) ފަދަ އެތައް ރަށެއް ހިމެނެއެވެ. މިހުރިހާ ރަށަކީ ވެސް އޭރުގައި މީހުން އާބާދުވެ އުޅުނު ރަށްތައްކަމާއި ”ނަރަތުނޑިން“ ފެށިގެން އިސްދޫގެ ނިޔަލަށް މިދެމެދު މިރަށްތަކުގެ ތެރޭގައި ކޯރުތަކާއި ކުޅިތައް ހުރިކަމަށް އިސްދޫ ލޯމާފާނުގެ 35 ވަނަ ފޮތިން ދޭހަވެއެވެ. މިރަށްތައް މިހާރު ވަނީ އިސްދުއާ ގުޅި ހަމަޖެހިފައެވެ.  މިކަންހިނގީ ކޮންދުވަސްވަރެއްގައިކަން ހޯދިފައިނުވި ނަމަވެސް މި ރަށްތައް އެއްރަށް އަނެއްރަށާ ގުޅި ބެދިފައިވާ ދިމާތައް މިހާރު ވެސް އިސްދުކަލައިދޫގެ ޗަސްބިންތަކަށް ބަލައި ވިސްނައިފިނަމަ ފާހަގަވާނެއެވެ. 


މި ރަށްތަކުގެތެރޭގައި ގަނޑުއަވަށް އޮންނަ އިސްދުއާއި ކަލައިދުއަށްފަހު ދެން އެންމެ ބޮޑު ރަށަކަށް އޮތީ ދިޔަދޫއެވެ. އިހުގައި މިރަށުގައި މީހުން ދިރިއުޅުނުކަމުގެ ނިޝާންތައް އެބަހުއްޓެވެ. އެގޮތުން ޤަބުރުސްތާނުގެ ފާރުތަކާއި ބޮޑެތި މަހާނަގާތައް ހުރިކަމަށް ވެސް ކަލައިދޫގެ އިސްރަށްވެއްސެއްކަމުގައިވާ މުޙައްމަދު ރަފީޢު (2018) ވިދާޅުވެއެވެ. އިހުގައި ކުނބުރާންކޮށަން (ދަރުކޮށަން)، ރުކުއަޅަން ފަދަ ބޭނުންތަކުގައި އެރަށުގެ ވަލަށް، މީހުން ވަދެ އުޅޭއިރު އެ މީސްމީހުންގެ ނަމުން ގޮވާއަޑާއި ބަންގި ގޮވާއަޑު ވެސް އިވޭކަމަށް ކިޔަތެވެ.

ކުކުޅުދޫ އޮންނަނީ ކަލައިދޫގައި މީހުން އުޅޭ ސަރަހައްދުގެ އުތުރުކޮޅުން ރަށުގެ ހުޅަނގުއުތުރު ބިތުގައެވެ. މި ރަށުގައި ބިޔަ ކިނބި، މިދިލި، ދިއްގާފަދަ ގަސްތަކާއި ގިނަ އަދަދަކަށް ރުއް ހެދިފައި އޮންނަކަމަށްވެއެވެ. ނަމަވެސް މިހާރު އެރަށް އޮތް ސަރަހައްދު ވެފައިވަނީ ކަލައިދޫ ރައްޔިތުންގެ ދަނޑުބިމަށެވެ. ކުކުޅުދޫ އޮތް ސަރަހައްދުން ވަޅުކޮންނައިރު ވަކި ތަރުތީބެއްނެތި ވަޅުލެވިފައިވާ ކަށި ހުންނަކަމަށް ރަށުގެ ދުވަސްވީ ބޭކަލުން ބުނުއްވައެވެ. 2007 ވަނަ އަހަރުގައި ވެސް ދަނޑުވެރިކަން ކުރުމަށްޓަކައި ކޮނުނު ވަޅެއްގެތެރެއިން މިނިކަށި ފެނިފައިވެއެވެ. ކުކުޅުދޫގެ ހުޅަނގު އުތުރު ފަރާތުގައި މިހާރު ކަލައިދޫގެ ހުޅަނގު ފަރާތު ގޮނޑުދޮށަށް ވާގޮތަށް އޮތީ ދިޔަދޫއެވެ.

މިހާރު ބުރެވިފުށި ކިޔާ ސަރަޙައްދަށް އިސްދޫލޯމާފާނުގައި ”ބުރެވިމަތު‘ އަދި ”ބުރެވިޕުޓު“ ވެސް ލިޔެވިފައިވެއެވެ. މިރަށަކީ ވެސް ކުރިން ވަކިން އޮތްތަނެއްކަން އެސަރަޙައްދަށް ރަނގަޅަށް ބަލައިވިސްނުމުން ފާހަގަކުރެވެއެވެ. މިރަށް އޮތީ ކަލައިދޫގެ ހުޅަނގު ދެކުނު ކޮޅުގައި ދަނބިދުއާ ދިމާގައެވެ.

ރަށް އާބާދުވުން:

ކަލައިދޫ އާބާދުވީ 1153މ. ގައި ރާއްޖެ އިސްލާމްވުމުގެ ފަހުގެ ތާރީޚެއްގައި ކަމަށް ޢަލީ ސުލައިމާނު (2013) ވިދާޅުވެފައިވީނަމަވެސް އެބުނުމަށް ބާރުދޭ އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެއެވެ. އެ ލިޔުމުގައި އޭނާ ބަޔާންކުރައްވާފައިވަނީ ”ކަލައިދޫ އަވަށުގެ އަސްލުވަޒަންވެރިންނަކީ މިހާރު ފަޅުވެފައިވާ ހުޅިޔަންދޫ އާއި ބަރެސްދޫން ހިޖުރަކުރި މީހުން“ ކަމަށެވެ. ނަމަވެސް ދަންނަވަންޖެހެނީ ބަރެސްދޫ ފަޅުވުމުން އެރަށުން ފޭބިމީހުން ކަޅައިދުއަށް ދިޔަކަމަށް ކުރީގެ މުސްކުޅި ބުނުންތަކުގައި ހުރިކަމަށް ވިޔަސް ބަރެސްދޫ މީހުން އިސްދޫކަލައިދުއަށް ދިޔަ ވާހަކައެއް އެފަދަ ބުނުންތަކުގައި ނެތްކަމުގައެވެ. އަދިހަމަ އެފަދައިން ކަލައިދޫގެ އަސްލު ރަށްވެހިންނަކީ ހުޅިޔަންދޫ މީހުންކަން ދަލީލުކޮށްދޭ އެއްވެސް ތާރީޚީ ހެއްކެއް ނެތެވެ.

ކަލައިދޫއަކީ އިސްދޫ އިސްލާމްވުމުގެ ކުރީއްސުރެ މީހުން ދިރިއުޅެމުންދިޔަ ރަށެއްކަން ލޯމާފާނުތަކުން ލިބޭ މަޢުލޫމާތު ތަކުން ސާފުކޮށް އެނގެއެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް ސުވަރުގެ ވަޑައިގެންނެވިތާ 582 އަހަރު ފަހުން ހިޖުރައިން 592 ވަނަ އަހަރު (މީލާދީން 1195ގެ ޑިސެމްބަރ 5 އިން 1196މ.ގެ ނޮވެންބަރު 22 އާ ދެމެދު) ގައި ޝްރީ ގަޑަނާދީއްތަ މަހާރަދުން އިސްދޫގައި ހުރި ބުދުފައްޅިތައް މުގުރުއްވައި އިސްލާމްދީން ޤާއިމުކުރެއްވުމަށްފަހު ވަރަށް މުހިންމު ނިންމެވުމެއް ނިންމެވިއެވެ. އެ ނިންމެވުމަކީ އިސްދޫކައިރީގައި ހުރި ރަށްތަކުގެ ވެރިރަށަކީ އިސްދޫ ކަމުގައި ކަނޑައަޅުއްވައި އެ ރަށްތައް 7 އަވަށުގެ ގޮތުގައި ކަނޑައެޅުއްވުމެވެ. އަދި އިސްލާމްނުވި މީހުންގެ ކިބައިން އިސްދޫގެ ރަށްވެހިކަން ނިގުޅައިގެންނެވުމެވެ. އިސްދޫލޯމާފާނުގެ 04 ވަނަ ފޮތީގައި އެކަން ބަޔާންކޮށްފައިވަނީ:

”ޝްރީ އިސްދުވެ އަބަ އުއްތަރަ މާގެމެތަން ކޮޓް އަބަޔަ ސުއްޓައި އަޓުވަރު މާގެމެނަވީ  ނަމިދީ ޕޫރްބެ އަތިންވަތު ދިނިވިން ސާދަތު ކީވުން ގެމެ ކުލަޔަޓަ ވަސައި ސާދަތު ނުކީ ކާޕުރުން ގެމެ ކުލަޔަޓަ ނުވަސަނިކޮޓް.“ (މާތް އިސްދޫ އިސްރަށަކަށް ހަދައި ހަތް އަވަށަށް ބައްސަވައި ހުރިހާ އަވަށުގެ ވެރިރަށް ކަމުގައި އިސްދޫ ހަމަޖައްސަވައި ކުރީގެ އުޅުނު މީހުންގެ ތެރެއިން ޝަހާދަތްކީ މީހުން އެރަށުގެ ރަށްވެހިންގެ ގޮތުގައި ހަމަޖައްސަވައި ޝަހާދަތް ނުކީ ކާފިރުން އެރަށުގެ ރަށްވެހިންގެ ތެރޭގައި ނުހިމެނޭ ގޮތަށް ހަމަޖެއްސިއެވެ).

އެދުވަސްވަރު ކަލައިދޫގެ އާބާދީގައި 2 ރަށެއްގެ މީހުން ތިބިކަން އިސްދޫ ލޯމާފާނުން ސާފުކޮށްއެނގެއެވެ. އެއީ ކަލައިދޫގެ އަސްލު ވަޒަންވެރީންނާއި އެރަށަށް ހިޖުރަކޮށްގެން ތިބި ކުރިން އިސްދޫގެ ރައްޔިތުންގެ ގޮތުގައި ތިބި ބަޔަކެވެ. ހަމައެއާއެކު ދަނބިދޫން އައިސް ކަލައިދޫގައި ވަޒަންވެރިވެތިބި ބަޔަކުވެސް ތިބިކަން އިސްދޫލޯމާފާނުގެ 21 ވަނަ ފޮތިން ދޭހަވެއެވެ. އެފޮތީގައި  އޮތީ:

 ”ކަލައިދުވު ދޫވެސި ޕޫރުބެ އިސްދުވު މާނިނަޓަ ދަކްވަނަ ބުޅާޕަތު ރުކް ޕޫރުބެ ރުޑީން މާގެމަނަޓަ ދަކްވަނީ ކޮޓް ކަލައިދުވު މަތުޔެތިބި ދަބުދުވު ގެމެން ލަދުތިން ޕަގިން ބާނާ އިސަލުތަކް ޕޫރްބެ އަލިކިން މެމްބާނިކޮޓް“ [ކަލައިދޫގައި އުޅޭ ކުރީގެ އިސްދޫ މީހުންނަށް ދައްކާ ރުކާއި، މުޑުވަށްކާށި، މުސްކުޅި އާދަކާދައިގެ މަތިން ވެރިރަށުގެ މީހުންނަށް ދައްކަންވާނެއެވެ. ކަލައިދޫގައިތިބި ދަނބިދޫ ރައްޔިތުންނަށް ވާ ތިން ބިމުގެ ރުކުން ބާލާ ކާށި އިހާތައް  މުސްކުޅި އާދަކާދައިގެމަތިން ބަހައިދޭންވާނެ] އެވެ.

ހިޖުރައިން 593 (މީލާދީން 1196މ.ގެ ނޮވެންބަރު 23 އިން 1197މ.ގެ ނޮވެންބަރު 11 އާ ދެމެދު) ވަނަ އަހަރު ދަނބިދޫ އިސްލާމްކުރެއްވުމަށްފަހު ލިޔެވިފައިވާ ދަނބިދޫ ލޯމާފާނުން ވެސް ކަލައިދޫއަކީ އެދުވަސްވަރުގައި މީހުން ދިރިއުޅުނު ރަށެއްކަން ސާބިތުވެއެވެ.  

ދަނބިދޫ ލޯމާފާނުގެ 13 ވަނަ ފޮތީގެ ދެވަނަ ފުށުގައި ”ކަލައިދުވު މަޑަނަ ހިރުއު ފުތް މިތައް އަޅުން..“ (ކަލައިދޫ މަޑަނަހިރުގެ ފިރިހެން ދަރިންނާއި މިއެންމެ އަޅުން) ގެ ވާހަކަ އެބައޮތެވެ.

މީލާދީން 1911 ވަނަ އަހަރުގެ ބޯހިމެނުމުގައިވާ ގޮތުން ކަލައިދޫގައި 23 ގެއެއްގައި ޖުމްލަ 95 މީހުން ދިރިއުޅުނެވެ. އޭގެ ދިހަ އަހަރުފަހުން 1921ގެ ބޯހިމެނުމުގައިވާ ގޮތުން މިރަށުގައި 27 ގެއެއްގައި ޖުމުލަ 106 މީހުން ދިރިއުޅެމުން ދިޔައެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ހިތާމަވެރި ނިމުން އައިއިރު ކަލައިދޫ ރައްޔިތުންތިބީ އިސްދޫއަށް ބަދަލުކޮށްފައެވެ (މަލިމް މުޙައްމަދު ދީދީ، 1954). އެއީ ކުދިއާބާދީތައް އެއްފަސްކުރުމުގެ ގޮތުން ރައީސް މުޙައްމަދު އަމީނު ގެންގުޅުއްވި ސިޔާސަތުގެ ދަށުންނެވެ. ނަމަވެސް ފުރަތަމަ ޖުމްހޫރިއްޔާ އިންޤިލާބު ކޮށްލުމާއެކު ކަލައިދޫ ރައްޔިތުންނަށް އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ހުއްދަ ސަރުކާރުން ދެއްވައިފިއެވެ.

ކަލައިދޫގެ އާބާދީއަށް އެއަށްފަހު އިތުރުވީ ހުޅިޔަންދޫގެ ރައްޔިތުންނެވެ. ޙަސަން އަޙުމަދު މަނިކު (1982) ވިދާޅުވާ ގޮތުގައި ހުޅިޔަންދޫ މީހުން ކަލައިދޫއަށް ބަދަލުވީ 1952 ގައެވެ. ހުޅިޔަންދޫގެ އެންމެ ގިނަ ބަޔަކު ބަދަލުވީ ކަލައިދޫއަށެވެ. ނަމަވެސް ދަނބިދޫ، މާބައިދޫ، މުންޑޫ، އަދި ގަމުން ވެސް ހުޅިޔަންދޫއާއި އާއިލީގޮތުން ގުޅިފައިހުރި އާއިލާތައް ފެނެއެވެ.


ތާރީޚުގެ ހިމަދޯދިފަށުން އަލިކަންދޭ ހިސާބުންފެށިގެން ވެސް އިދާރީގޮތުން ބެލެވެމުން އައީ ކަލައިދުއަކީ އިސްދޫގެ އަވަށެއްގެ ގޮތުގައެވެ. 20 ވަނަ ޤަރުނަށް ފެށުނުއިރު އިސްދޫގައި މީހުންދިރިއުޅޭ ދެއަވަށަކީ އިސްދޫގެ ”ގަނޑު“ އަވަށާއި އިސްދޫގެ ކަލައިދޫއަވަށެވެ. އެޒަމާނުންސުރެ އިސްދޫގެ ވެރިއަވަށުގެ ގޮތުގައި ބެލެވިފައިވަނީ އިސްދޫ ގަނޑުއަވަށެވެ. ނަމަވެސް ބައެއް ދުވަސްވަރު ރަށުއޮފީސް ކަލައިދުއަށް ބަދަލުވެފައި ވެސް ވެއެވެ. އިސްދޫގެ އަވަށްތަކުގެ ރައްޔިތުންގެ މެދުގައި އަންޒަމާނުއްސުރެން ވެސް އޮތް ބޮޑު ވާދަވެރިކަމާއި ފިތުނަވެރިކަމުގެ ހުޅުގަނޑު ދޭތެރެދޭތެރެއިން ރޯވެ، ރަނގަޅަށް ނުނިވި، އަނދަމުން ދިޔަ ކަމުގައި ދަންނަވަންޖެހެއެވެ. ފަހުގެ ތާރީޚުތަކުގައި ވެސް އެކަމުގެ ސަބަބުން ތަފާތު ހަމަނުޖެހުމާއި ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.

ނަމަވެސް 2013 ޑިސެމްބަރ 03 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކުން ކަލައިދޫއަކީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގެ ވަޢުދުފުޅެއް ފުއްދަވައިދެއްވުމުގެ ގޮތުންނެވެ.

ހަވާލާ ލިސްޓް:

ޙަސަން އަޙުމަދު މަނިކު އަދި ޖީ.ޑީ ވިޖަޔަވަރުދަނާ، 1986މ.، އިސްދޫ ލޯމާފާނު، ކޮލޮމްބޯ: ރޯޔަލް އޭޝިއަޓިކް ސޮސައިޓީ އޮފް ސްރިލަންކާ.

ޙަސަން އަޙުމަދު މަނިކު، 02 ޑިސެމްބަރ 1981މ.، ދަ އައިލެންޑްސް އޮފް މޯލްޑިވްސް.

ޙަސަން ސަޢީދު، ތ.ނ، އިސްދޫލޯމާފާނުގެ ދިވެހި ތަރުޖަމާ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، 1922މ.، ރިޕޯރޓްސް އޮފް 1911 އެންޑް 1921 ސެންސަސް އޮފް މޯލްޑިވް އައިލެންޑްސް، ކޮލޮމްބޯ.

ޢަލީ ނަޖީބު، 22 އޭޕްރީލް 1983މ.، ދަނބިދޫ ލޯމާފާނު.

ޢަލީ ސުލައިމާނު، 15 ޑިސެމްބަރ 2013މ.، ބޯޑަރު އަރައިރުމުން އިސްދޫ އާއި ކަލައިދޫ މިނިވަންވެފައި، ވީނިއުސް، ޔޫއާރްއެލް: http://vnews.mv/13115

ޢަބުދުއްރަޙީމް ޢުމަރު، ރަޙީމީއާބާދު، ލ.ކަލައިދޫ، 2015މ.،  (އިންޓަރވިއު).

ޢަލީ އިބްރާހިމް، ވީނަސް، ލ.ކަލައިދޫ، 22 މާރިޗު 2018މ.،  (އިންޓަރވިއު).

އިސްލާމިސިޓީ، 1995-2018މ.، ހިޖްރީ-ގްރެގޯރިއަން ކޮންވާޓަރ، ޔޫއާރްއެލް:

 http://www.islamicity.org/hijri-gregorian-converter.

މަލިމް މުޙައްމަދު ދީދީ، 10 އޯގަސްޓް 1954މ.، ލ.އަތޮޅުގެ ރަށްވެހިކަން، ސަރުކާރުގެ ޚަބަރު، 11 ޛުލްހިއްޖާ 1373ހ.

މުޙައްމަދު ރަފީޢު، ހިޔާވަހި، ލ.ކަލައިދޫ، 18 މާރޗް 2018މ.، (އިންޓަރވިއު).


މި ލިޔުމަކީ އައްޑަނަ މަޖައްލާގައި 2018 އޭޕްރީލް 21 ވަނަދުވަހު ޝާއިއު ކޮއްފައިވާ ލިޔުންކޮޅެއް. ތާރީޚީގޮތުން ހައްދުންމަތީ ކަލައިދޫ - Addana